ފުރަތަމަ ސަފްޙާ / ޚަބަރު / ނިއު ބަލިކޮށް ފުރަތަމަ ފަހަރަށް މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި
ނިއު ބަލިކޮށް ފުރަތަމަ ފަހަރަށް މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި
މާޒިޔާ އިން ކަޕް ވިނާސް ކަޕްގެ ޗެމްޕިއަން ޓްރޮފީ އުފުލާލަނީ. ފޮޓޯ: އެފްއޭއެމް

ނިއު ބަލިކޮށް ފުރަތަމަ ފަހަރަށް މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
7 ގަޑިއިރު ކުރިން 19 އޮގަސްޓް 2026

ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފި އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި މާޒިޔާ ކުރި ހޯދީ 2-4 އިންނެވެ. 

މިއީ މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ކަޕް ފިނާސް ކަޕް 1995 ވަނަ އަހަރު ރާއްޖޭގައި ފަށައި 2008 ވަނަ އަހަރަށް ފަހު މެދުކެނޑުނެވެ. މިއަހަރު ކަޕް ވިނާސް ކަޕް މި ބޭއްވީ 18 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިދިޔަ ފަނަރަ ވަރަކަށް އަހަރަށް ބަލާއިރު މާޒިޔާ އަކީ ރާއްޖޭގައި އެންމެ ކާމިޔާބު އެއް ޓީމެވެ. ކަޕް ވިނާސް ކަޕާ އެކު ޑޮމެސްޓިކް ހުރިހާ ތައްޓެއް މާޒިޔާ އިން މިހާރު މިވަނީ ހަމަކޮށްފަ އެވެ. 

މިރޭގެ މެޗުގެ ހަތަރު ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން އެވެ. އޭގެފަހުން 16 ވަނަ މިނެޓުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ނަތީޖާ ހަމަހަމަކުރި އެވެ. މާޒިޔާގެ ދެ ވަނަ ގޯލު 28 ވަނަ މިނެޓުގައި ޖެހީ އަހުމަދު އައިހަމް އެވެ. މާޒިޔާ ދެ ވަނަ ފަހަރަށް ލީޑުގައި އޮއްވައި އެޓީމަށް 35 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ ވެސް ސެންޓޭ އެވެ. 

ހަތަރު ގޯލު ފުރަތަމަ ހާފުގައި ފެނުނަސް ދެ ވަނަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނެވެ. 

އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ނިއުގެ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވި އެވެ. އެޓީމުގެ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޮމޭސް އާއި މޫސާ ޔާމިން ފޮނުވާލި ޕެނަލްޓީތައް ދިޔައީ ބޭރަށެވެ. އިތުބާރާ އެކު ޕެނަލްޓީ ޖަހަމުންދިޔަ މާޒިޔާއިން ވަނީ އެޓީމުގެ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. 

މިއީ މި ސީޒަނުގައި މާޒިޔާއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ނިއު ބަލިވި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޕެނަލްޓީގައި ނާކާމިޔާބުވީ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގަ އެވެ. އޭގެފަހުން މި ދެޓީމު ވަނީ ކަޕް ވިނާސް ކަޕްގެ ލީގު ބުރުގައި ވާދަކޮށް 1-1 އިން އެއްވަރުވެފ ައެވެ. 

މި ސީޒަނުގައި ނިއު އާއި މާޒިޔާގެ ތިން ކުރިމަތިލުން ވެސް ފުރިހަމަ ވަގުތުގައި ވީ އެއްވަރެވެ. 

https://fahuminet.com/tournaments/cup-winners-cup-2026

ސީޒަނުގެ ޝީލްޑް މެޗާއި ކަޕް ވިނާސް ކަޕް ނިމުނުއިރު ދެން އޮންނާނީ ދިވެހި ޕްރިމިއާ ލީގެވެ. އެފްއޭއެމް އިން ލީގު ޝެޑިއުލް މިހާރު ކްލަބްތަކާ ވަނީ ހިއްސާކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ހަފްތާގަ އެވެ. 

ކޮމެންޓްސް

Matches
5
Ongoing
6
Upcoming
Predict
Settings