ފުރަތަމަ ސަފްޙާ / ޚަބަރު / ބޮޑު ވާދަވެރިކަމެއް ފެނުނު ރެއެއްގައި ޔޫތުން ދައްކާލީ ތަފާތު
ބޮޑު ވާދަވެރިކަމެއް ފެނުނު ރެއެއްގައި ޔޫތުން ދައްކާލީ ތަފާތު
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ރޭ ކުޅުނު މެޗުގެ ތެެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ބޮޑު ވާދަވެރިކަމެއް ފެނުނު ރެއެއްގައި ޔޫތުން ދައްކާލީ ތަފާތު

ފަހުމިނެޓް
ފަހުމިނެޓް
16 ގަޑިއިރު ކުރިން 20 ޖޫން 2026

ކްލަބް މޯލްޑިވްސް ކަޕް ކްލަސިކްގައި ރޭ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ވާދަވެރި ކުޅުމެއް ފެނުނު އިރު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޓީމުން ރޭ ކުޅުނު މެޗުގައި ގިނަ ގޯލްތަކެއް ޖަހައިފި އެވެ.

ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް މުބާރާތުގެ ދެވަނަ ރޭ ކުޅުނު ފުރަތަމަ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ވާދަކޮށްފައިވަނީ އެންމެ ފަހުގެ ރަނަރަޕް ކްލަބް ބިނާރާ އާއި 2024 ވަނަ އަހަރު ބޭއްވި މުބާރާތުގެ ރަނަރަޕް މަގާމް ހޯދި އެމްއެމްއޭ ސޯޝަލް ކްލަބެވެ. މި މެޗު 2-2 އިން އެއްވަރުވި އިރު މެޗުގައި  ބިނާރާއިން ވަނީ ދެފަހަރު މަތިން ލީޑް ނަގައިފަ އެވެ.

އެމްއެމްއާ ރޭ މެޗުގެ ނަތީޖާ ދެފަހަރުވެސް ހަމަހަމަކޮށްދިނީ މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި ކްލަބް ގްރީން ސްޓްރީޓްސްއަށް ކުޅެމުން އަންނަ އަންސަރު އިބްރާހީމެވެ. ކްލަބް މޯލްޑިވްސް އިން މިއަހަރު ކުރިއަށްގެންދިޔަ  ކިންގްސް ކަޕްގައި ވެސް ވާދަކުރި ބިނާރާއަށް ރޭގެ މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ ހުމައިދު ޢަބްދުﷲ އާއި ނާއިފް މުހައްމަދެވެ.

ބިނާރާ އާއި އެމްއެމްއޭ ވާދަކުރި މެޗު ހިނގަމުންދިޔަ ގަޑީގައި ކުޅުނު ދެވަނަ މެޗުގައި ބީސީސީން ވަނީ ފިނޭންސް ރިކްރިއޭޝަން ކްލަބް 2-4 އިން ބަލިކޮށްފައެވެ. މި މެޗުގައި ފިނޭންސްގެ  ހަސަން އަޒްވާން އެ ޓީމަށް ލީޑް ނަގައިދިން ނަމަވެސް ބީސީސީއިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިފަ އެވެ. މި މެޗުގައި ބީސީސީގެ މުހައްމަދު ނިހާލާއި އަބްދުﷲ ލޫތު ދެ ގޯލް ކާމިޔާބުކުރިއިރު ފިނޭންސް އިން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޒުހާން ހަސަން އެވެ.

މުބާރާތުގައި ރޭ ކުޅުނު ފަހު ދެ މެޗުގެ ތެރެއިން ތައުލީމީ ގުޅުމާއި، ޕީއެސްއެމް ވާދަކުރި މެޗު 2-3 އިން ކާމިޔާބުކޮށްފައިވަނީ ޕީއެސްއެމް އެވެ. ރޭގެ މެޗުގައި ޖެހި ފުރަތަމަ ތިން ގޯލްވެސް ޕީއެސްއެމުން ކާމިޔާބުކުރިއިރު އެ ޓީމަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަލީ އަފްސަލް އިބްރާހީމްއާއި އަލީ ސިމާހްގެ އިތުރުން ރިމާހް އަހްމަދެވެ. ތައުލީމީ ގުޅުމުން ރޭގެ މެޗުގައި ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު އަލީ އިރުފާދު ކާމިޔާބުކުރިއިރު އަނެއް ގޯލް ކާމިޔާބުކޮށްފައިވަނީ މުހައްމަދު ފިޒާލް އެވެ.

ޕީއެސްއެމް ކުޅުނު މެޗުގެ ތެރެއިން. ރޭ ކުޅުނު ގިނަ މެޗުތައް ފެނުނީ ވާދަވެރިކޮށް. ފޮޓޯ: ކްލަބް މޯލްޑިވްސް
ޕީއެސްއެމް ކުޅުނު މެޗުގެ ތެރެއިން. ރޭ ކުޅުނު ގިނަ މެޗުތައް ފެނުނީ ވާދަވެރިކޮށް. ފޮޓޯ: ކްލަބް މޯލްޑިވްސް

މުބާރާތުގައި މިހާތަނަށް އެއް ޓީމަކުން އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވަނީ ރޭ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޓީމާއި، އާޓްސް އެންޑް ހެރިޓޭޖް މިނިސްޓްރީއަށް ނިސްބަތްވާ ދިވަރު ރިކްރިއޭޝަން ކްލަބް ވާދަކުރި މެޗުގަ އެވެ. މި މެޗު 0-11 އިން ޔޫތް މިނިސްޓްރީގެ ޓީމް ކާމިޔާބުކުރި އިރު އެ ޓީމުގެ އިބްރާހިމް ސިމާހް (ތަޑޭ) ވަނީ ހަތަރު ގޯލް ޖަހައިފަ އެވެ. މީގެ އިތުރުން އެ ޓީމްގެ މުހައްމަދު ސާހިލް ދެ ގޯލް ކާމިޔާބުކުރި އިރު ބާކީ ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ  އަހްމަދު އަލީ އާއި ނާއިފް ޝަފީގްގެ އިތުރުން މުހައްމަދު ސާޖިދާއި، ޝިޒާން ޝަހީނެވެ.

މުބާރާތުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެ އެވެ.

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Predict
Settings