ލޮއި ކުރެންދޫ ފުޓްސަލް މުބާރާތް މިއަދު ފަށައިފި އެވެ.
ކުރެންދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ވަނީ ހަތަރު މެޗު ކުޅެފަ އެވެ. އެ މެޗުތަކުން މޮޅުވީ ނައިފަރަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ، ނައިފަރު ޗެލްސީ އާއި އެޕެކްސްގެ އިތުރުން ހުދުހާ އަދި ކްލަބް މާމަ ޓީމެވެ.
މިއަދު ހަވީރު ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ހުދުހާ އާއި މަކާއޫ އެވެ. އެ މެޗު ހުދުހާ ކާމިޔާބުކުރީ 2-4 އިންނެވެ. ހަވީރު ކުޅުނު ދެ ވަނަ މެޗުގައި މާމަ ޓީމު ވަނީ ޒިފިއަސް 0-2 އިން ބަލިކޮށްފަ އެވެ.
ހުދުހާ ކާމިޔާބުކުރި މެޗުގައި ގޯލުތައް ޖަހައިދިނީ އަލީ ފައިސަލް އާއި ހުސައިން ޒާހިރު ދެ ގޯލުގެ އިތުރުން އަހުމަދު ޖައުޝަން އަބްދުﷲ އެވެ. މަކާއޫގެ ދެ ގޯލުގެ ކާމިޔާބުކޮށްދިނީ ހުސައިން މުހައްމަދާއި މުހައްމަދު އަޖުވަދު އާދަމް އެވެ.

ހަވީރު ކުޅުނު އަނެއް މެޗުގައި، މާމަ ޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އާއި އިބްރާހީމް އާހިލް އަބްދުލްގަފޫރެވެ.
މިރޭ ކުޅުނު ފުރަތަމަ މެޗުގައި މޮނާޗީ އެފްސީއާ ވާދަކޮށް އެޕެކްސް މޮޅުވީ 2-1 އިންނެވެ. މިރޭގެ ފަހު މެޗުގައި ނައިފަރު ޗެލްސީން ޕޮލިސް ރިކްރިއޭޝަން ކްލަބް ބަލިކުރީ 5-2 އިންނެވެ.
އެޕެކްސް މޮޅުވިއިރު، އެ ޓީމުގެ އެއް ގޯލު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މުސްތަފާ އެވެ. އަނެއް ގޯލަކީ މޮނާޗީ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެވެ. މޮނާޗީގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އިރުޝާދު އެވެ.
https://fahuminet.com/tournaments/loi-kurendhoo-futsal-challenge-2026
ފަހު މެޗުގައި ނައިފަރު ޗެލްސީން ހޯދި ބޮޑު މޮޅުގައި، ތަރިންނަށް ވީ އެޓީމުގެ ބިދޭސީ ކުޅުންތެރިންނެވެ. މިގޮތުން ބިދޭސީ ކުޅުންތެރިޔާ ރާމިސް އާއި އަޝުރޯވް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ވަނީ ޕޮލިސް ކުޅުންތެރިއަކު އަތުން ބައިކޮޅަށެވެ. މެޗުގައި ޕޮލިސްގެ ދެ ގޯލު ޖަހައިދިނީ އަލީ ނަޒުމީ އާއި ހަސަން ހޫދު އިބްރާހީމް އެވެ.
މިރޭގެ މެޗުތައް ފެށުމުގެ ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ވަނީ ބާއްވައިފަ އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރެންދޫގެ އިސްވެރިން ބައިވެރިވި އެވެ. އަދި މުނިފޫހިފިލުވުމުގެ ހަރަކާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
https://fahuminet.com/predict
ލޮއި ކުރެންދޫ ފުޓްސަލް މުބާރާތުގައި 10 ޓީމު ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިއަށްދަނީ ފަސް ޓީމުގެ ދެ ގްރޫޕް ހިމެނޭހެންނެވެ.
ލޮއި ކުރެންދޫ ފުޓްސަލް ޗެލެންޖުގެ ގްރޫޕް ސްޓޭޖުގައި މާދަމާ ވެސް ހަތަރު މެޗު ކުޅޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ. މި ނޫހުން ލައިވްސްކޯ ގެނެސްދޭއިރު މުބާރާތަށް ހާއްސަކޮށްގެން ޕްރިޑިކްޝަން ޗެލެންޖެއް ވެސް ވަނީ ހުޅުވާލާފަ އެވެ.
