Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / މާފަރު އާދަޔާހިލާފު ރޫހެއްގައި، އަމާޒަކީ ދަށްވެގެން ފައިނަލް
މާފަރު އާދަޔާހިލާފު ރޫހެއްގައި، އަމާޒަކީ ދަށްވެގެން ފައިނަލް
އެފްސީ މާފަރު. މިއަހަރުގެ މުބާރާތުގެ އަމާޒަށް ދިއުމަށް ޓީމު ވަނީ އިތުރަށް ވަރުގަދަކޮށްފަ. ފޮޓޯ: އެފްސީ މާފަރު

މާފަރު އާދަޔާހިލާފު ރޫހެއްގައި، އަމާޒަކީ ދަށްވެގެން ފައިނަލް

ޢަބްދުﷲ އަޝްރަފް
ޢަބްދުﷲ އަޝްރަފް
18 ގަޑިއިރު ކުރިން 19 އެޕްރީލް 2026

ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ލިޔުނު އެންމެ ރީތި ސޮފްހާއާ ގުޅިފައި އޮތް އެއް ރަށަކީ ނ. މާފަރެވެ. އެއީ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދިން ޓީމުގެ ކެޕްޓަން އަސްއަދު އަބްދުލް ގަނީގެ އުފަން ރަށެވެ. ފުޓްބޯޅައިން ރާއްޖެ ހޯދި އެފަދަ ދެވަނަ ރަން މެޑަލް ދިވެހި ކުޅުންތެރިންގެ ކަރަށް މަހާލި އިރު ކެޕްޓަނަކަށް ހުރީ އަސްއަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަކްރަމް އަބްދުލްގަނީ އެވެ.

މި ދެ ކުޅުންތެރިން އުފައްދައިދިން ފުޓްބޯޅައިގެ ވަރުގަދަ ރޫހު މާފަރުން އަދިވެސް ފެންނަން އޮތީ ގަދަކޮށެވެ. ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ބައިވެރިވާ މާފަރު އެފްސީއަކީ އޭގެ ފުރިހަމަ މިސާލެކެވެ.   

އަމާޒަށް ވާސިލްވާން ކުރާ މަސައްކަތް ދެގުނަ އިތުރު

މިއީ މާފަރު މި މުބާރާތުގައި ބައިވެރިވާ ތިންވަނަ އަހަރެވެ. މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ފެށި ފަހުން ކޮންމެ އަހަރަކުވެސް އެޓީމު އަންނަނީ ބައިވެރިވަމުންނެވެ. މިހާތަނަށް އެ ޓީމު ބައިވެރިވި ދެ އަހަރުވެސް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށްފައިވާ އިރު އެ ދެފަހަރުވެސް މުބާރާތުގެ ފައިނަލާ އެ ޓީމާ ދެމެދު ހުރަހަކަށްވީ ނައިފަރު ޗެލްސީ ސްޕޯޓްސް ކްލަބެވެ. މުބާރާތުގައި މާފަރުން ބައިވެރިވި ފުރަތަމަ ފަހަރު ޕެނަލްޓީ ޖަހައިގެން ފައިނަލްގެ ޖާގަ ގެއްލުނު އިރު ޖެހިގެން އައި އަހަރު އެ ފުރުސަތު މާފަރަށް ގެއްލުނީ އެ ޓީމުން ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބުކޮށް ލީޑު ނަގާފައި ވަނިކޮށް ނައިފަރު ޗެލްސީން ފަހަތުން އަރައި މޮޅުވުމުންނެވެ.

މިހާތަނަށް މާފަރު ބައިވެރިވި ދެ މުބާރާތުގެ ސެމީ ފައިނަލުން އެ ޓީމަށް ޖާގަ ލިބިފައި އޮތީ އެ އަހަރުތަކުގައި ވާދަކުރި ޓީމުތަކުގެ ފެންވަރު ދަށްވެގެނެއް ނޫނެވެ. އޭގެ އެންމެ ފުރިހަމަ އެއް މިސާލަކީ މި މުބާރާތް ބާއްވި ފުރަތަމަ ދެ އަހަރު ތަށި އުފުލާލި ކޮމެޓްސްއިން މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރަން ނުކުތް އަހަރު މާފަރުން ކޮމެޓްސްއާ އެއް ގްރޫޕެއްގައި ވާދަކޮށް އެ ޓީމު މުބާރާތުން ކަޓުވާލުމަށްފަހު ސެމީ ފައިނަލުން ޖާގަ ހޯދުމެވެ.   

އެފްސީ މާފަރުގެ މެނޭޖަރު އަބްދުﷲ އިބްރާހިމް (ކެމޯ) "ފަހުމިނެޓް"އާ ވާހަކަދައްކަމުން ބުނީ މިފަހަރުގެ މުބާރާތަށް އެފްސީ މާފަރުން ތައްޔާރުވަމުން އަންނައިރު އަމާޒަކަށް ހަދާފައި އޮތީ އެންމެ ދަށްވެގެން ފައިނަލުގައި ކުޅުމެވެ. އެކަމަށްޓަކައި އެހެން ހުރިހާ އަހަރަކަށްވުރެ މިއަހަރުގެ ޓީމު ވަރުގަދަކުރަން މަސައްކަތްތަކެއްވެސް ވަނީ ކޮށްފަ އެވެ.

"މީގެ ކުރިން އަޅުގަނޑުމެން ޓީމު ވަރުގަދަ ކުރުމަށްޓަކައި ރަށުން ބޭރު ކުޅުންތެރިން ގެނައުމުގައި ނުބަލާ ވަރަށް މިފަހަރު އަޅުގަނޑުމެން އެކަމަށް ސަމާލުކަން ދިނިން. ނިއުރޭޑިއަންޓް ކަހަލަ އެއްވަނަ ޑިވިޝަންގެ ބޮޑެތި ކްލަބްތަކަށް ކުޅޭ ރަށުން ބޭރު ރަނގަޅު ހަތަރު ކުޅުންތެރިޔަކު މިފަހަރު އަޅުގަނޑުމެންގެ ޓީމުގައި ހިމަނައިފައިވާނެ. މީގެ އިތުރުން ޓީމު ވަރުގަދަކުރުމަށް އެހެން ފަހަރު ފަހަރަށްވުރެ ދެ ގުނަ އިތުރަށް ހަރަދުވެސް އަޅުގަނޑުމެން ކޮށްފިން." ޓީމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މި ނޫހާ މައުލޫމާތު ހިއްސާކުރަމުން ކެމޯ ބުނެފައިވެ އެވެ.

https://fahuminet.com/tournaments/the-mangrove-island-championship-2026

އެފްސީ މާފަރަކީ މި މުބާރާތަށް އެންމެ ދުރާލާ ތައްޔާރުވަމުން އަންނަ އެއް ޓީމެވެ. ޓީމުގައި ގިނައީ ރަށަށް ނިސްބަތްވާ ކުޅުންތެރިންނަށް ވުމާއެކު މިދިޔަ ދެ އަހަރުވެސް އެ ޓީމު މުބާރާތަށް ނުކުމެފައިވަނީ މަދުވެގެން އެއް މަސް ދުވަހު ޕްރެކްޓިސް ކުރުމަށް ފަހު އެވެ. އެކަމަކު މިފަހަރު އެކި ސަބަބުތަކާ ހުރެ އެޓީމަށް މުބާރާތަށް ތައްޔާރުވާން ފެށުނީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. ކަން އެހެން އޮތަސް މިދިޔަ މުއްދަތުގެ ތެރޭގައި ފަރިތަކުރުންތައް ދިޔަގޮތާ މެދު ޓީމުގެ މެނޭޖަރު ހުރީ ހިތްހަމަޖެހިފަ އެވެ.

އެފްއޭ ކަޕްގަ ކުޅޭ މި ޓީމުގެ ކުޅުންތެރިން ފިޔަވައި ދެން ތިބި ހުރިހާ ކުޅުންތެރިންނާއެކު ޓީމު ޕްރެކްޓިސް ކުރަމުން އަންނަތާ މިހާރު ފަނަރަ ވަރަކަށް ދުވަސްވެއްޖެ. ވަރަށް ރަގަޅަށް ޕްރެކްޓިސް ގޮއްސަ އޮތީ. އެހެންވީމަ މުބާރާތަށް ޓީމު މިއޮތީ ވަރަށް ރަގަޅަށް ތައްޔާރުވެފަ.

ސަޕޯޓަރުންގެ މެދުގައިވެސް އޮތީ ވަރުގަދަ ރޫހެއް

އެފްސީ މާފަރު ޓީމު މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި އޮތް އިރު އެޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރަށުގެ ރައްޔިތުންގެ ފަރާތުން ޓީމަށް ލިބެމުން އަންނަ ތަރުހީބެވެ. މުބާރާތުގައި މިދިޔަ ދެ އަހަރު މާފަރުން ދެއްކި ހިތްވަރާއެކު އެރަށު ރައްޔިތުންގެ އުންމީދުތައް ޓީމާ މެދު ވަނީ އިތުރުވެފަ އެވެ.

"ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ޓީމަށް މިހާރުވެސް އަންނަނީ ލިބެމުން. އަޅުގަނޑުމެން ސަޕޯޓާސް ޖޯޒީގެ ޕްރީ އޯޑާއަށް ހުޅުވާލިތާ އެންމެ ބާރަ ގަޑިއިރު ތެރޭގަ ތިންސަތޭކައަށްވުރެ ގިނަ އޯޑަރު އަޅުގަނޑުމެންނަށް ލިބުނު. އޭގެއިން އެކަނިވެސް އެބަ އެނގޭ ދެއްތޯ މިކަމަށް ރަށުގެ ރައްޔިތުންގެ ފޯރި ހުރި ވަރު." ކެމޯ އިތުރަށް ބުނެފައިވެ އެވެ.

ކެމޯ ބުނި ގޮތުގައި މާފަރު ޓީމަށް ކޮންމެ އަހަރަކުވެސް ރަށު ރައްޔިތުން ސަޕޯޓް ފުރިހަމައަށް ލިބެމުން އަންނަ ކަމަށާއި، މިފަހަރުވެސް އެކަން އެގޮތަށް ހިނގާނެ ކަމާ މެދު ޝައްކު ނުކުރާކަމަށެވެ.

ރަށުން ބޭރުގައި މަސައްކަތްކުރާ ރަށުގެ ވަރަށް ގިނަ ކުދިންވެސް ސީދާ މި މުބާރާތާ ދިމާކޮށް ޗުއްޓީ ނަގައިގެން ރަށަށް އައިސް އެބަ އުޅޭ. ސަޕޯޓަރުން އަމިއްލައަށް އެކި ކަހަލަ ހަރަކާތްތައް މިހާރުވެސް ރާވަމުން އަންނަކަމުގެ މައުލޫމާތު އެބަ ލިބޭ. އަނެއްކޮޅުން ކެނދިކުޅުދޫގަވެސް މާފަރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުދިން އުޅޭނެ.

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި އެފްސީ މާފަރު ވާދަކުރަން ހަމަޖެހިފައި އޮތީ ތިން ޓީމު ހިމެނޭ ގްރޫޕް ބީގަ އެވެ. މުބާރާތުގައި މާފަރުން ކުޅޭ ފުރަތަމަ މެޗުގައި މުބާރާތް ހުޅުވާ ދުވަހު ވާދަކުރާނީ އަވަށްޓެރި މަނަދޫއާ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 24 ވަނަ ދުވަހު މާފަރު ނުކުންނާނީ މިދިޔަ ދެ އަހަރު މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާ ނައިފަރު ޗެލްސީއާ އެވެ.

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Settings